ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އައިގެ ފުރަތަމަ ދެ މެޗު ފްރާންސް އާއި ނޯވޭއިން ކާމިޔާބުކޮށްފި އެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރޭ ފްރާންސުން ސެނެގާލް ބަލިކުރީ 3-1 އިންނެވެ. ނިއު ޔޯކްގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.
އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ދިން ހިތްގައިމު ބޯޅައަކުން ފްރާންސަށް ލީޑު ނަގައިދިނީ އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ އެވެ. އަދި 82 ވަނަ މިނެޓުގައި ފްރާންސްގެ ދެވަނަ ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި ބްރެޑްލީ ބާކޯލާ އެވެ.
އޭގެފަހުން މެޗުގެ އިތުރު ވަގުތުގައި ސެނެގާލްގެ އިބްރާހީމް އެމްބަޔޭ އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ފްރާންސަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ބަޔާން މިއުނިކަށް ކުޅޭ ފްރާންސްގެ ޒުވާން ފޯވާޑް އޮލީސޭ އެވެ.
މި ގްރޫޕްގެ ދެވަނަ މެޗުގައި ރޭ ނޯވޭއިން ވަނީ 4-1 ގެ ނަތީޖާއަކުން އިރާގު ބަލިކޮށްފަ އެވެ.
ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ނޯވޭގެ ތަރި އާލިން ހާލަންޑްގެ ދެ ލަނޑު ފެނިގެންދިޔަ އެވެ. އެގޮތުން، އޭނާ ލަނޑުތައް ޖެހީ މެޗުގެ 29 ވަނަ މިނެޓާއި 43 ވަނަ މިނެޓުގަ އެވެ. އެ ހާފުގައި، އިރާގުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އައިމަން ހުސެއިން އެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ނޯވޭއަށް ތިން ވަނަ ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން ނުކުތް ލިއޯ އޮސްޓިގާޑް އެވެ. އަދި ނޯވޭގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި އިރާގުގެ އައިމަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޯވޭއަށް ދެ ލަނޑު ޖަހައިދިން ހާލަންޑެވެ.
މުބާރާތުގައި ގްރޫޕް އައިގެ މެޗުތައް ދެން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ. އެގޮތުން ދަންވަރު 2:00 ގައި ފްރާންސް އާއި އިރާގު ބައްދަލުކުރާ އިރު، އެރޭ ފަތިހު 5:00 ގައި ނޯވޭ ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ.