ކެޕްޓަން ލިއޮނަލް މެސީގެ ހެޓްރިކުން، ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން އަލްޖީރިއާ ބަލިކޮށްފި އެވެ.

މިއީ ވޯލްޑް ކަޕްގައި މެސީ ހެދި ފުރަތަމަ ހެޓްރިކެވެ. އަދި މި ތިން ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ޖުމްލަ 16 ‏ލަނޑު ޖަހައި، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ޖަރުމަނުގެ މިރޮސްލަވް ކްލޯޒާއާ އަރާ ހަމަކޮށްފަ އެވެ.

އެމެރިކާގެ ކަންޒަސް ސިޓީ ސްޓޭޑިއަމްގައި މިއަދު ކުޅުނު ގްރޫޕް ޖޭގެ މި މެޗުގައި މެސީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 17 ވަނަ މިނެޓުގަ އެވެ. މިއީ އަލްޖީރިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 62 ‏ވަނަ މިނެޓުގައި މެސީ ދެވަނަ ލަނޑު ޖެހީ، އޭރިއާ ބޭރުން އެލެކްސިސް މެކް އެލިސްޓާ ފޮނުވާލި ބާރު ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު، އޭރިއާ ތެރޭގައި ހުހަށް ހުރެ މަޑު މަޑުން ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އޭގެ 15 މިނެޓު ފަހުން މެސީ ވަނީ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ލަނޑަކީ ވެސް އަލްޖީރިއާގެ އޭރިއާ ބޭރުން މެސީ ފޮނުވާލި ބޯޅައަކުން ޖެހި ލަނޑެކެވެ.

މި ހެޓްރިކާއެކު، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ވެސް މެސީއަށެވެ.

މި މެޗުގައި އާޖެންޓީނާއިން އިދިކޮޅު ގޯލާ އަމާޒުކޮށް ފޮނުވާލި ހަ ހަމަލާގެ ތެރެއިން ތިން ހަމަލާއެއް ގޯލަށް ވައްދާލި އިރު، ފުރަތަމަ ހާފުގައި ޖެހި އޮފްސައިޑް ލަނޑު ފިޔަވައި އަލްޖީރިއާއަށް މުޅި މެޗުގައި ވެސް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި މިއަދު ދެން އޮތީ ގްރޫޕް ޖޭގެ އަނެއް ދެ ޓީމު ކަމަށްވާ އޮސްޓްރިއާ އާއި ޖޯޑަން ބައްދަލުކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 9:00 ގަ އެވެ.