ސިޔާސީ ފިކުރު ތަފާތުވެގެން މިސަރުކާރުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިކުރާ މައްސަލައިގައި، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ޕީއެންސީ ފިކުރުގެ މުވައްޒަފުނަށް ވީތީ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ސަރުކާރަށް ސަނާނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުން އެމުވައްޒަފުން ވަޒީފާއިން ވަކި ކުރި ޗިޓްތައް މިހާރުވެސް އެމީހުންގެ ގޭގޭގެ ސިޓިންގ ރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި ކަމަށާއި، އެދަފްތަރު ޕީއެންސީ އަތުގައި މިހާރުވެސް އެބަ އޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަނބުރާ އެމީހުންގެ ހައްގު އެމީހުންނަށް ދީފައިކަމަށެވެ. އަދި ޝުޖާއު ވަނީ ރައީސް ނަޝީދު އޮޅިވަޑައިގެން ނޫޅުއްވުމަށް އެދިފައެވެ.