ވަޒީފާއިން ވަކިވެފައިވާ މީހެއްގެ މުސާރަ އެއް އަހަރުވަންދެން އޮޅުވާލައިގެން އެހެން މީހެއްގެ ނަންމަތީގައި ނެގި ސްކޫލް މުވައްޒަފުންތަކެއްގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

މީގެ ފަސް އަހަރު ކުރިން 2021 އިން ފެށިގެން އެހެން މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ފާހަގަވެ، އެ ތިން މުވައްޒަފުން ކަނޑާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފަ އެވެ.

އޭސީސީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، އެ މައްސަލައިގެ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.

އެހެން ނަމަވެސް އެ މައްސަލައަކީި ތަހުގީގުކުރަމުންދާ މައްސަލައަަކަށްވާތީ އެކަމުގެ ތަފްސީލެއް އޭސީސީއިން ދީފައެއްނުވެއެވެ.

އެ ސްކޫލުގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާއިން ވަކިވިފަހުން މުސާރަ ޝީޓަށް އެހެން މީހެއްގެ ނަން އިތުރުކޮށް، 2021 ވަނަ އަހަރުން ފެށިގެން އޭނާގެ މުސާރަ އެ ސްކޫލުގެ އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކުރާ ތިން މުވައްޒަފަކު ވެގެން ނަގަމުންދިޔަ ކަމަށް "ވީނިއުސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާލޭ ސަރަހައްދުގެ ސްކޫލެއްގެ މުވައްޒަފުންތަކެއް ހިމެނޭ މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރި އޮޑިޓެއްގެ ތެރެއިންނެވެ.