މިދިޔަ ހަފްތާގައި އެކަނިވެސް ސްކޭމްގެ 36 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ ހަފްތާގައި ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކުގައި 118,370.05 ރުފިޔާ ގެއްލިފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތުން 164,240.60 ރުފިޔާ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އީ- ކޮމާސް 26 މައްސަލައެއް ރިޕޯޓުކުރި އިރު، ފައިސާ މާރުކުރުމުގެ މައްސަލައަކާއި، އެހެންމީހަކަށް ވެގެން އޮޅުވާލުމުގެ 4 މައްސަލަ އަދި އެހެނިހެން 5 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ސްކޭމްތައް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އީ-ކޮމާސް ސްކޭމްތަކަކީ ފާއިތުވި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައް ކަމަށްވުމުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިގޮތުން ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށާއި، ވާހަކަ ދެއްކެނީ އަސްލު ވިޔަފާރިއަކާތޯ ޔަގީންކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.