އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫފޭދޫ / އުއްމީދުގެ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި އަމުރު ނެރެފައިވަނީ 2026 ޖޫން 15 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެހެންކަމުން މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް އެއިދާރާއިން ވަނީ ޝުކުރު ދަންނަވާފައެވެ.
ފުލުހުން އިތުރަށް ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.