ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ދަފްތަރެއް ޑިޖިޓަލައިޒްކޮށް، މި އަހަރުގެ ތެރޭގައި ތަޢާރަފް ކުރާނެ ކަަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ޢަބްދުއްރައްޒާޤު މިހެން ވިދާޅުވީ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އެފަދަ ނިޒާމެއް އެކުލަވާލުމުން ލޭ ހަދިޔާ ކުރާ ފަރާތްތަކާއި ލޭ ހޯދާ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

އެގޮތުން މި ސަރުކާރު އައި ފަހުން ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދާދިނުމަށާއި، އެ ފަރާތްތަކަށް ލިބެން ޖެހޭ ފަރުވާ ހަރުދަނާ ކުރުމަށް ކޮށްފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވާ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހު ޑީއެންއޭ ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ. މިގޮތުން އެ ފެށުމަކީ ތެލަސީމިއާ ސެންޓަރުން ޚިދުމަތުގައި ހޭދަކުރި 35 އަހަރުގެ ދިގު ތާރީޚުގައި ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

"2025 ވަނަ އަހަރުގެ ޖުލައި މަހު އެންޑޯކްރައިނޮލޮޖީގެ ޚިދުމަތް ފަށާފައިވާއިރު، 2025ގެ އޮގަސްޓް މަހުން ފެށިގެން ހިމޮޓޮލޮޖީގެ ޚިދުމަތާއިި، އެޗަލެ ޓައިޕިން އަދި ބޯން މެރޯ އާއި ގުޅޭ ޓެސްޓުތަކުގެ ޚިދުމަތް ވިޒިޓިން ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ދަނީ ފޯރުކޮށްދެމުން."

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް

މީގެ އިތުރުން އެއްވެސް އެދުމެއް ނެތި ވެދޭ މި ދީލަތި އެހީ އަކީ ދުވަހަކު ވެސް ބައްދަލު ނުވާ އެތައް ބަޔަކަށް ޝިފާ ލިބުމަށް މަގުފަހިވާ ކަމެއް ކަމަށް ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ. އަދި އެއީ އަމިއްލަ އެދުމަށް ވުރެ އެހެން މީހުން އިސްކުރުމުގެ ވަރުގަދަ ސިފައެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ލޭ ހަދިޔާކުރުމުގައި ވަކިވަކި ފަރުދުންނާއި އަމިއްލަ ފަރާތްތަކާއި ރިސޯޓްތަކުން ދޭ އެހީތަކަށް ޝުކުރު އަދާކުރައްވާ މި އެހީތެރިކަމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.