ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރުގެ މަގާމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް އައްޔަންކޮށްފިއެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީ އެކުލެވިގެން ވަނީ ޖުމްލަ 11 މެމްބަރުންގެ މައްޗަށެވެ. އެހެންކަމުން ކޮމިޓީ އަށް މުޤައްރިރަކު ހޮވުމަށް މަދުވެގެން 6 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ހުސައިން ޝަރީފް ވަނީ އެ މަގާމަށް ހޮވިފައެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
- ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު
- މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
- ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
- ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް
އެ ކޮމިޓީ އަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އައްޔަން ކުރައްވާފައި ވަނީ އެ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހުގެ ބަދަލުގައެވެ. ފަލާހު އަކީ ކުރިން އެ ކޮމިޓީގެ މުޤައްރިރުކަން އަދާކުރައްވަމުން ގެންދެވި މެމްބަރު ކަމަށް ވުމާއެކު ކޮމިޓީގެ މުޤައްރިރުގެ މަޤާމު ވަނީ ހުސްވެފައެވެ.
ކޮމިޓީގެ މުގައްރިރުކަމަށް ހުސައިން ޝަރީފްގެ ނަން ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީއަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި، ބޯހިޔާވަހިކަމާގުޅޭ ޤާނޫނީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަން މަޖިލީހަށް ހުށަހެޅުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.