އެމެރިކާ އާއި އިރާނާ ދެމެދު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާތީ އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި އެއްބަސްވުމަކީ މެދުއިރުމައްޗާއި މުޅި ދުނިޔޭގެ މަސްލަހަތާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކުރާ ކަމަށެވެ.

އެގޮތުން ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅުތަކާއެކު، އެ ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު މައްސަލަތަކަށް ހައްލެއް ހޯދުމަށް އެމެރިކާ އާއި އިރާނުން އެއްބަސްވުމަކަށް އައުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ނައްތާލުމަށްޓަކައި ވާހަކަދެއްކުމާއި ސުލްހަވެރި ޑިޕްލޮމެޓިކް އުސޫލުތައް އިސްކޮށް، ދެ ފަރާތުން ދެއްކިހިތްވަރާއި ކެތްތެރިކަމަށްވެސް ރާއްޖެއިން ވަނީ ތައުރީފުކޮށްފައެވެ.

އަދި އެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމާއި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކަށް އެ ބަޔާނުގައި ވަނީ ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި، ގަތަރާއި، ގަލްފުގެ އެހެނިހެން ގައުމުތަކުގެ އިތުރުން، ބައިނަލްއަގުވާމީ ބައިވެރިން މިކަމުގައި ވި އެހީތެރިކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ އަބަދުވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމަށް ތާއީދުކުރާ ގައުމެއްކަން ރާއްޖެއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ އިގްތިސާދީ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ސުލްހައަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.