މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށްދިޔައީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފް ޖަޕާނުގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ސަފީރު މަހުލޫފް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމުގައި ޒަމާނުއްސުރެ އެހީތެރިވެދޭ ގާތް ބައިވެރިއެއް ކަމަށެވެ. އެގޮތުން، ޓެކްނިކަލް ދާއިރާއިންނާއި ކެޕޭސިޓީ އިތުރުކުރުމާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އެ ޤައުމުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރެއްވިއެވެ.

ސަފީރު ވަނީ ރާއްޖެ އާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް އެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ.

ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރުވާއިރު، ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ސަފީރު މަހުލޫފް ވަނީ ވިދާޅުވެފައެވެ.