ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާއި، ލޭ ހަދިޔާކުރެވެން އޮތް ކޮންމެ މީހަކުވެސް ލޭ ހަދިޔާކޮށް، އިންސާނިއްޔަތަށް އެ ޚިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެ ކަމަނާ މިފަދައިން ގޮވާލެއްވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިއަށްދިޔަ މި ހަފްލާގައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރާ ފަރާތްތަކަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އަދި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޝަރަފުގައި ޚާއްޞަ ދުވަހެއް ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ޞަދަޤާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަޚްލާޤު އާލާކޮށް، އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މި އަގުހުރި ޚިދުމަތުގައި ދެމިތިބި ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ޚިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވާފައެވެ.

މީގެ އިތުރުން އެ ހަފްލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރަމުން ގެންދާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރަން ފެށި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭހަދިޔާ ކުރި ފަރާތަކަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވުން އޮތެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް ރޭގެ ޙަފުލާގައި ހަވާލުކުރައްވާފައިވެއެވެ.

ހަމަމިއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް އޮތެވެ.

މި ފަރާތްތަކަށް އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެވެ.

އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރާ ލޭ ހަދިޔާކުރުންތެރީންގެ ޝަރަފުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

މި ދުވަހުގެ މުނާސަބަތުގައި ރޭ އޮތް ހަފްލާގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީންނާއި، ލޭ ހަދިޔާކުރާ ގިނަ ޢަދަދެއްގެ ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ.