ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި ކޭޕް ވާޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.

ފުޓްބޯޅައިގެ ވިދުންގަދަ ގިނަ ތަރިން ހިމެނޭ ސްޕެއިން އަކީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބަލާ އެއް ޓީމު ކަމަށް ވާއިރު، ކޭޕް ވާޑަކީ މުޅިން އަލަށް ވޯލްޑް ކަޕަށް ކޮލިފައިވި ގައުމެކެވެ. ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި މިރޭ މި ދެ ޓީމު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
އެމެރިކާގެ އެޓްލަންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފަށައިގެން ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، ކޭޕް ވާޑުން ކުޅުނީ މުޅި ޓީމު ފަހަތަށް ޖެހިގެންނެވެ. ފުރަތަމަ ހާފުގައި ސްޕެއިންއަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަތައް ކޭޕް ވާޑްގެ ގޯލުކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފަ އެވެ.
އެގޮތުން، މެޗުގެ 15 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒަލޭޒް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އިރު، 38 ވަނަ މިނެޓުގައި މާކް ކުކުރެޔާ ތަނަވަސްކުރި ފުރުސަތެއްގައި ފެރާން ޓޮރޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ފުރަތަމަ ހާފު ނިމެންދަނިކޮށް ފެރާން އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރާ ދިމާލަށެވެ.
ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ މިކޭލް މެރީނޯ އާއި، ބާސެލޯނާއަށް ކުޅޭ ޒުވާން ތަރި ލަމީން ޔަމާލް ކުޅެން ނެރެފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ މާކޮސް ލޮރެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރުގެ އަތަށެވެ.
މެޗުގެ ފަހުކޮޅު ސްޕެއިނުން ވަނީ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން ޑެނީ އޮލްމޯ އާއި ނިކޯ ވިލިއަމްސް ވެސް ކުޅެން އަރުވާފަ އެވެ. ނަމަވެސް، މި ބަދަލުތަކާއެކު ވެސް އެ ޓީމުން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ސްޕެއިނުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކޭޕް ވާޑުން 89 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ކެވިން ޕީނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޮލްމޯގެ ބޮލުގައި ޖެހި ކޯނަރަކަށް ބޭރުވި އެވެ. އެ ކޯނަރުން ހުރަސްކޮށްދިން ބޯޅައަށް އަރައި ކެވިން ބޮލުން ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު އުނައި ސިމޯން ވަނީ މަތަކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ސްޕެއިންގެ ހަމަލާތަކުގެ ހުރަހަކަށްވި، ކޭޕް ވާޑްގެ 40 އަހަރުގެ ކީޕަރު ވޮޒީނިއާ އެވެ.
ގްރޫޕް އެޗްގެ ދެވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން 3:00 ގައި އުރުގުއާއީ އާއި ސައުދީ އަރަބިޔާ ވާދަކުރާނެ އެވެ.
ގްރޫޕްގެ އެންމެ ބަލި ޓީމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ކޭޕް ވާޑް އަތުން ސްޕެއިންއަށް ޕޮއިންޓަކުން ފުއްދާލަން ޖެހުނު އިރު، އެ ޓީމުން އަންނަ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ ސައުދީ އަރަބިޔާއާ ދެކޮޅަށެވެ. އަދި ހަމަ އެރޭ ކޭޕް ވާޑް އާއި އުރުގުއާއީ ބައްދަލުކުރާނެ އެވެ.