އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ސެކްރެޓޭރިއެޓުން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރަކުންނެވެ.
އެގޮތުން ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް މެދުކަނޑާލައި، ސިޔާސީ ގޮތުން ބިރުދެއްކުން އިތުރުވަމުންދާ ކަމަށް ބުނެ، މުޅި ރާއްޖޭގައި އަންނަ ބުރާސްފަތި ދުވަހު މުޒާހަރާކުރަން ނިންމީ ރޭގެ ޖަލްސާއަށް ހާޒިރުވި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއެކުއެވެ.
އެ ގަރާރުގައި ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކަމުންދާ ކަމަށާއި، ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ދައުލަތަށް ލާޒިމުކުރާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެފައެެވެ.
މީގެއިތުރުން، އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން، އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓްތައް ވެސް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން އެއްވެސް އުސޫލެއް ނެތި ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރަމުންދާ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކި މެންބަރުން ވަނީ ފާހަގަކޮށްފައެވެ.