ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހުގެ 11 ގައި ބާއްވަން ނިންމައި، ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިކަން އިއުލާނުކޮށްފައި ވަނީ މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ބޭއްވުމަށްޓަކައި އޭގެ ކުރިން ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބާއްވާނެކަމަށާއި، ދާއިރާތަކުގެ އިންތިހާބު އަންނަމަހުގެ 11 ގައި ބާއްވަން ނިންމާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ހުޅުވާލާފައި ވަނީ އެ ޕާޓީގެ ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، އަދި ސްޓިއަރިން ކޮމިޓީގެ ރައީސުން އިންތިހާބުކުރުމަށް އެކަމަށް ކުރިމަތި ލުމަށެވެ. އެކަމަށް ހާއްސަ ޕޯޓަލެއްވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ހުށަހަޅާނީ އެ ޕޯޓަލް މެދުވެރިކޮށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި މަގާމުތަކަށް ވާދަކުރެވޭނީ މިއަދާ ހަމައަށް ކޮންގްރެސް ޕާޓީގައި ދަފްތަރުވެފައި ތިބި މެމްބަރުންނަށް ކަމަށާއި، މި އިންތިހާބުގައި ވޯޓުލެވޭނީވެސް މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.

"މި އިންތިހާބު އޮންނާނީ 11 ޖުލައި 2026 ވާ ހޮނިހިރު ދުވަހު، މިއަދު މި ހުޅުވާލީ އިންތިހާބަށް، 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާނީ، މުއްދަތު ހަމަވުމާއެކީގައި ޖުލައި 1 ވަނަ ދުވަހު އަޅުގަނޑުމެން ވަގުތީ ވޯޓާސް ލިސްޓް އިއުލާނުކުރާނަން، އެއަށްފަހު ތިން ދުވަހުގެ މުއްދަތެއް އަޅުގަނޑުމެން ދޭންނަ ޝަކުވާ ހުށަހަޅަން، ދީފައި ދެން ޖުލައި މަހުގެ 4 ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކުރާނަން."

ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ ދާއިރާގެ ރައީސުން އިންތިހާބުކުރާނީ ކޮންގްރެސް ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންކަަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންގްރެސް ޕާޓީގެ ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވިޔަސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ މެމްބަރުންނާއި، އެ މެމްބަރަކު ކުރަމުންދާ ކަމެއްގެ ސަބަބުން ޕާޓީއަށް ގެއްލުންވާނަމަ އެފަދަ މެމްބަރުން ދާއިރާގެ ރައީސްކަމުން ވަކިކުރުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް ލިބިގެންވާކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އެފަދަ ހާލަތެއް މެދުވެރިވެގެން މެމްބަރަކު މަގާމުން ވަކިކޮށްފައިވާނަމަ އެދާއިރާއަކަށް ވެސް ރައީސުން އިންތިހާބުކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.