ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު ގާއިމްކޮށް ހިންގުމަށް ޑިޖިޓަލް އައިޑެންޓިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އަލިފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ހުށަހެޅުއްވި މި ބިލް ފަރުމާކޮށްފައި ވަނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ގާނޫނުގެ ދަށުން ގާއިމްކުރާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު މެދުވެރިކޮށް ހިންގާ ޑިޖިޓަލް އައިޑެންޓިޓީ އާއި ގުޅުން ހުރި ހަރަކާތްތަކާއި، ރާއްޖޭގައި ހުރުމުގެ ހުއްދަ އަށް އެދޭ ފަރާތްތަކާއި، ރާއްޖޭގައި ހިންގާ ނުވަތަ ރާއްޖެ އާއި ގުޅުން ހުރި އޮންލައިން ހިދުމަތްދޭ ފަރާތްތަކުގެ މައްޗަށް ގާނޫނު ހިނގާ ގޮތަށެވެ.
އެ ބިލުން ދައުލަތުގެ އިދާރާތަކާއި، ގާނޫނީ ޝަހްސުތަކާއި އެ ނޫންވެސް ފަރާތްތަކާ އެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި، ހިދުމަތް ހޯދުމުގައި އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުން ކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން އެ ނިޒާމް ފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅާނެއެވެ.
އަދި އެ ބިލުގައި ވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 90 ދުވަސްތެރޭގައި އެ ނިޒާމް ހިންގުމަށާއި، އެ ނިޒާމް ތަރައްގީކުރުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ޓޭކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ ނަމުގައި ކޮމިޓީ އެއް އެކުލަވާލަން ހިމަނާފައެވެ. އެގޮތުން އެ ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައި ވަނީ ކަމާއި ގުޅުން ހުރި ވަޒީރަށެވެ.
އެހެންކަމުން އެ ކޮމިޓީ އެކުލެވިގެން ވަނީ މިނިސްޓަރު ތަމްސީލްކުރުމަށް، މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ޑިޖިޓަލް ސާވިސް ތަމްސީލްކުރުމަށް އައްޔަންކުރާ ފަރާތަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ތަމްސީލްކުރުމަށް އެ ޑިޕާޓްމަންޓުން އައްޔަން ކުރާ ފަރާތަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފިޔަވާ އައިޑެންޓިޓީ މައުލޫމާތު ފޯރުކޮށްދޭ ފަރާތަތްތަކުގެ ގޮތުގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ކޮންމެ ފަރާތަކުން އެ ފަރާތެއް ތަމްސީލް ކުރުމަށް އައްޔަންކުރާ ފަރާތެއް ހިމެނޭ ގޮތަށެވެ.