ހިތާއި ނަފްސުން ހެޔޮކަމުގެ މަގަށް ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ހިޠާބުގައި ވަނީ ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ވިދާޅުވެފައެވެ.
މި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސް ވަނީ ހިޖުރައިގެ މަތިވެރި ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެ މަނިކުފާނުގެ ޚިޠާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން ދަސްކޮށްދެނީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އަދި މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންކަން އެ މަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި، ދިވެހިވަންތަ ރިވެތި އަޚުލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި އެ މަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
މި ފެށުނު އާ އަހަރަކީ، އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންކަން އެ މަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
މި ޚިޠާބުގައި، ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމުގައި ދެމިތިއްބެވުމަށް ރައީސް ވަނީ ހަނދުމަފުޅުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި ލައްވައި، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ގައުމަށް ކުރިއެރުމާއި ތަނަވަސްކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.