މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި ބެގޭޖް ސްކްރީނިންގ މެޝިނެއް ބައްޓައި ބޭނުންކުރަން ފަށައިފިއެވެ.
އަލަށް ބެހެއްޓި އެ ބެގޭޖް ސްކްރީނިންގ މެޝިން، އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާން އެވެ.
ކަރެކްޝަންސް އިން ބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދިޔާކުރި މި ބެގޭޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެއް ކަމަށެވެ. މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.
ކަރެކްޝަންސް އިން ބުނީ އެ މެޝިން ބޭނުންކުރާގޮތުގެ ތަމްރީން އެމްއޭސީއެލް އިން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބެގޭޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ފޯރުކޮށްދީފައި ކަމަށްވެސް ކަރެކްޝަންސް އިން ހާމަކުރެއެވެ.
ކަރެކްޝަންސް އިން ބުނީ މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެއްޗާއި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެއްޗާއި، ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރާނެ ކަމަށެވެ.