ހުުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ މިއާއެކު، ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން މަސައްކަތް ނިމުނު ޓަވަރު 13، 14 އަދި 15 މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.
ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީކުރިއިރު އެތަންތަނުގައި ހަރުކޮށްފައި ވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރާ ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ފާޅުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރާ އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އެޗްޑީސީން ބުނީ އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެ ކަމަށެވެ.
ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރުތަކެއްގައި އެ ލިފްޓުތައް ހަރުކޮށް މިހާރު ނިމިފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ބާކީ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.