ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީގައި ޖަރުމަނުން ކިއުރަސާއޯ އަތުން ބޮޑު ތަފާތަކުން އިރު، ގްރޫޕް އެފްގައި ނެދަލެންޑްސް އާއި ޖަޕާން އެއްވަރުވެއްޖެ އެވެ.

ވޯލްޑް ކަޕަށް މުޅިން އަލަށް ކޮލިފައިވި ކިއުރަސާއޯ އަތުން ރޭ ޖަރުމަނު ފަސޭހަކަމާއެކު މޮޅުވީ 7-1 ގެ ނަތީޖާއަކުންނެވެ.
ޓެކްސަސްގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ތިން ލަނޑު ޖަހާފަ އެވެ. އެގޮތުން، އެ ޓީމުގެ ފުރަތަމަ ދެ ލަނޑު ފީލިކްސް ނެމެޗާ އާއި ނިކޯ ސްލޮޓަރބެކް ކާމިޔާބުކުރި އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ތިންވަނަ ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަނުގެ ތަރި ޖަމާލް މުސިއާލާގެ ލަނޑެއް ފެނިގެން ދިޔައިރު، މި ހާފުގައި ނަތާނިއަލް ބްރައުން އާއި ޑެނިޒް އުންޑާވް ވެސް ވަނީ ލަނޑު ޖަހާފަ އެވެ. އަދި ޖަރުމަނުގެ ފަހު ލަނޑު ޖަހައިދިނީ، ތިން ވަނަ ލަނޑު ވެސް ޖެހި ހަވާޓްޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
ކިއުރަސާއޯގެ ހަމައެކަނި ލަނޑު ޖެހީ ލިވާނޯ ކޮމަނެންސިއާ އެވެ.
މުބާރާތުގައި ރޭ ނެދަލެންޑްސް އާއި ޖަޕާން ވާދަކުރި މެޗު އެއްވަރުވީ 2-2 އިިންނެވެ.
ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރު ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. އެގޮތުން 51 ވަނަ މިނެޓުގައި ކެޕްޓަން ވާޖިލް ވެން ޑައިކް ބޮލުން ކާމިޔާބުކުރި ލަނޑާއެކު ނެދަލެންޑްސްއިން ލީޑު ނެގި ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ޖަޕާންގެ ކޭޓޯ ނަކަމޫރާ ލަނޑެއް ޖަހައި އެއްވަރުކުރި އެވެ.
ނެދަލެންޑްސްއިން ދެވަނަ ފަހަރަށް ލީޑު ނެގީ 64 ވަނަ މިނެޓުގައި ކްރީސެންސިއޯ ސަމަވިލް ޖަހައިދިން ލަނޑުންނެވެ. އެ ލަނޑާއެކު ނެދަލެންޑްސް މޮޅުވާން ދަނިކޮށް، 89 ވަނަ މިނެޓުގައި ލަނޑު ޖަހައި ޖަޕާނަށް ޕޮއިންޓެއް ޔަގީންކޮށްދިނީ ޑައިޗީ ކަމަޑާ އެވެ.
މުބާރާތުގެ އިތުރު މެޗުތަކަށް ބަލާލާއިރު، ގްރޫޕް އީގައި ރޭ އައިވަރީ ކޯސްޓުން ވަނީ 1-0 އިން އެކުއެޑޯގެ މައްޗަށް ކުރިހޯދާފަ އެވެ. އަދި ގްރޫޕް އެފްގައި ސްވިޑަންއިން ޓިއުނިޒިއާ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
ފީފާ ވޯލްޑް ކަޕްގެ މެޗުތައް މިރޭވެސް ކުޅުމަށް ހަމަޖެހިފައި ވާއިރު، އޭގެތެރެއިން މިސްރާއި ބެލްޖިއަމް، އަދި ސްޕެއިން އާއި ކޭޕް ވާޑް ބައްދަލުކުރާ މެޗު ފާހަގަކޮށްލެ އެވެ.