އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އެ ދެ އޮޕަރޭޝަން ހިންގާފައިވަނީ ގަން ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންނެވެ.

ފުލުހުން ބުނީ މި މަހު 14 ވަނަ ދުވަހު ހިންގި އެ ދެ އޮޕަރޭޝަންގެ ތެރެއިން އެއް އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވާ ކަަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 4.8 ގުރާމު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސ. ފޭދޫ / ހަނދުވަރު، އަޙްމަދު ލީން ފާރޫޤު (27އ) އާއި ސ. މަރަދޫފޭދޫ / ސޭންޑީބީޗް، ޢަބްދުﷲ ފަޒީން (41އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަނެއް މީހާ ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.

މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ޝަރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.