ލޯކަލް ކައުންސިލަރުންގެ މުސާރަ މިހާރު ހުރި މިންވަރަށް ވުރެން ބޮޑު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުން ހުރި ގޮތް ބެލުމަށްޓަކައި ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި ގަރާރުގައި މީކާއިލް ފާހަގަކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖެ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ބަޔަކީ ކައުންސިލަރުން ކަމުގައި ވިޔަސް، ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އެ މީހުންގެ ޒިންމާތަކާއި މަސައްކަތުގެ ބުރަކަން ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ލިބޭ މުސާރައަކީ އެ މަސައްކަތާ އެކަށޭނަ މިންވަރެއް ނޫން ކަމަށް އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
ގަރާރުގައި ބުނެފައިވަނީ، ކައުންސިލް ރައީސްގެ މުސާރަ، އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށް ވުރެ ވެސް ކުޑަ ކަމަށާއި، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ ކައުންސިލްގެ އެގްޒެކެޓިވް މަގާމުތަކަށް ވުރެ ކުޑަކަމަށެވެ. އަދި އާންމު ކައުންސިލަރުންގެ މުސާރަ އެ ކައުންސިލްތަކުގެ ބައެއް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ދަށްކަމަށް ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ، ސިދާ ވޯޓަކުން އިންތިހާބުކުރާ ކައުންސިލަރުންގެ މުސާރަ، ކައުންސިލް އިދާރާގެ އާއްމު މުވައްޒަފުންގެ މުސާރައަށް ވުރެން ކުޑަކޮށް އޮތުމަކީ، ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެން ދަށް ފަނތީގެ ބައެއްކަމަށް ބެލުމަށް މެދުވެރިވާ ސަބަބެއްކަމަށެވެ.
އެހެން ކަމުން ރައްޔިތުންގެ ވޯޓުން އިންތިހާބުވެފައި ތިބޭ ފަރާތްތަކުގެ މުސާރަ، ސަރުކާރުން އައްޔަންކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ މުސާރައަށް ވުރެ ކުޑަވުމަކީ، އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން ލިބޭ ކަމެއް ކަމަށް ވެސް މި ގަރާރުގައި ވަނީ ބުނެފައެވެ.