ރައްޔިތުންގެ މަޖިލީހުން ސައިބަރ ސެކިއުރިޓީގެ ބިލު ބަލަިއގަނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހު ހުށަހަޅުއްވާފައިވާ މި ބިލަކީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ޔަގީންކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހެޅުއްވި ބިލެކެވެ.

މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ވޯޓާއި އެކުގައެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގެ ސައިބާ ވެށި ރައްކާތެރިކުރުމާއި، ދައުލަތުގެ އަދި އަމިއްލަ ދާއިރާގެ މުހިންމު އިންފޮމޭޝަން ސިސްޓަމްތަކުން ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމެވެ. އަދި ދާހިލީ އަދި ކްރޮސްބޯޑާ ސައިބާ ސެކިއުރިޓީ ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީވެސް މި ބިލުގެ އަމާޒެކެވެ.

މި ބިލު ފާސްވުމާއި އެކު ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުުމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް 'ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ'ގެ ނަމުގައި އިދާރާ އެއް އެކުލަވާލަން ޖެހޭނެއެވެ. ބިލުގައި ބުނާ ގޮތުން، ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ މި އެޖެންސީގެ ލަފާގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

ސައިބާ ސެކިއުރިޓީގެ ވަކި ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ހާއްސަ ލައިސަންސެއް ނަގަންޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ. ލައިސަންސް ނެތި މިފަދަ ހިދުމަތްތައް ދޭ ފަރާތްތައް 50,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.