ޕޭޕަލްއާއެކު ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި ދިވެހީންގެ ބައިވެރިވުން މިހާރު ފުޅާކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕޭޕަލް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މިއަދަކީ އައު ސަފުހާއެއްގެ ފެށުން ކަމަށާއި، ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވިގެން ދިއުމާއެކު ދުނިޔެ މިހާރު މި އޮތީ ދިވެހީންގެ އިނގިލިކުރީގައި ކަމަށެވެ.
ސައީދުގެ ވާހަކައިގައި، ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް އަލިއަޅުވައިލައްވައިފައިވާ އިރު، ޕޭޕަލްގެ ހިދުމަތް ހޯދުމަށްޓަކައި އެ ކުންފުންޏަށް ސަރުކާރުން ސީދާ ހުށަހެޅިކަމާއި، ރާއްޖެއަށް ޕޭޕަލް ތައާރަފުކުރަން ޕްރޮޕޯސަލް ހުށަހެޅި ކަމާއި، ޕޭޕަލް ތައާރަފުކުރުމަށްޓަކައި ޓެސްޓިން މަސައްކަތްތައް ކުރިއަށް ގެންދެވުނު ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ 10 އަހަރުގެ އިންތިޒާރުގެ ނިމުން ކަމުގައި ސައީދު ސިފަކުރެއްވިއެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ، އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެއީ ވިޔަފާރިތަކަށް ހިތްވަރުދީ، ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ހިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އުރީދޫން ކުރިން ބުނެފައިވެއެވެ.
ހަމަމިއާ އެކު ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކޮށްފައިވެއެވެ.