ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ހުޅުވާލެވިއްޖެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ފުރިހަމަކަމާއެކު ފުދިގެން ދިޔަ މުނާސަބަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކްރިއޭޓަރުންނާއި އިނޮވޭޓަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހުނަރުތައް ބައިނަލްއަގުވާމީ މާކެޓާ ހިއްސާކޮށް އޭގެން މަންފާލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުންކަމަށެވެ.
ރާއްޖެއަކީ ކުޑަ ގައުމަކަށްވާތީ އެފަދަ ފުރުސަތުތައް ފަހިކޮށްދެވެން ނެތް ކަމަށް ޒަމާންތަކެއްވަންދެން ބުނަމުންއައި ނަމަވެސް އެމަނިކުފާނު އެކަން ގަބޫލުކުރައްވަން ބޭނުންފުޅުނުވި ކަމަށާއި ރާއްޖެއަށް ޕޭޕަލްފަދަ ހިދުމަތްތައް ގެނައުމުގެ މަސައްކަތް ފެއްޓެވީ އެ މަގުސަދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަސް ވިދާޅުވީ ޕޭޕަލްއަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓެއްގެ ހިއްސާއެއް ކަމަށެވެ. މިފަދަ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދަނީ 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ކަމަށާއި ގައުމުގެ އިގްތިސާދު ސިންދަފާތުނުކޮށް އެކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2030ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ އަދަދު މަދުވެގެން 15 އިންސައްތަ އަށް އިތުރުކުރުމަކީ ތަސައްވުރެއް ކަމަށާއި ގޫގަލް އާއެކު ދިވަރު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ އެ ތަސައްވުރާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖެ އޮތީ އެންމެ އެޑްވާންސް ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޭޕަލްގެ ހިދުމަތް ތައާރަފުވެ ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށް ލިބިގެންދިޔަ ލުއިތަކާއެކު އޭގެ ފައިދާ ނެގުމަށް ރާއްޖޭގެ އުފެއްދުންތެރިންނަށް ރައީސް ގޮވާލައްވާފައިވާ އިރު، ޒަމާނުއްސުރެ ކާބަފައިން ރާއްޖެއާ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވައިދިނީ ކަނޑުމަގުން ކަމަށާއި އެމަނިކުފާނު މިއަދު ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވާލަދިނީ ޑިޖިޓަލް އިގްތިސާދުގެ ތެރެއިން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވަނީ ޑިޖިޓަލް ވަސީލަތްތަކާ އެއްވަރަށް ފިޒިކަލް ސްޕޭސްތައްވެސް ތަރައްގީކުރައްވަމުންދާ ކަމަށް ވިދާޅުވައެވެ. އެގޮތުން، ކްރިއޭޓާ ހަބްގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށާއި މިއަހަރުގެ ނޮވެނެބަރު 11ގައި އެތަން ހުޅުވިގެންދާނެ ކަމަށް ރައީސް ވަނީ މައުލޫމާތުދެއްވާފަ އެވެ. މި ކްރިއޭޓާ ހަބް ތަރައްގީ ކުރަނީ އެންމެފަހުގެ ވަސީލަތްތައް ހިމެނޭ ސްޓޫޑިއޯތަކާއި ކޯ ވޯކިން ސްޕޭސްތަކާއެކުގައެވެ.
މީގެ އިތުރުން ސަރަހައްދީ ފެސިލިޓީތައްވެސް ތަރައްގީ ކުރަމުން އަންނަ ކަމަށާއި ކޮންމެ ރައްޔިތަކުވެސް މިކަމުގެ ފައިދާ ނަގައި ތަފާތު އުފެއްދުންތައް ދުނިޔެއާ ހިއްސާކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.