މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރައްވާފައިވާ، ހަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޒަރީރަށް ރުހުން ހޯދުމާއި ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ އާއި ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ 'ހ'ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރު ކަމުގެ މަގާމު ފުރުއްވާފައިވާ ޒަރީރު އަކީ މާލީ ދާއިރާ އަށް ގިަނ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވީ އިރު، ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ، އައިއައިޔޫއެމުން ބެޗްލާ އޮފް އެކައުންޓިންގެ އިތުރުން މާސްޓާ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަގާމަށް ޒަރީރު އައްޔަން ކުރައްވާފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަމީރު މަގާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްހީ ހާލަތު ހުރި ގޮތުން އެފަދަ ބުރަ ޒިންމާ އެއް އަދާކުރެވެން ނެތުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.