އުރީދޫ މޯލްޑިވްސް އިން ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު އާމިރު ވިލިއާނީ ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ގާއިމުކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ.

މީގެ އިތުރުން ޕޭޕަލް އަކީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ 2.0ގެ ތަސައްވުރާއި ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާ އިގްތިސާދީ ސިންދަފާތުކުރުންތަކުގައި ރާއްޖެ އައު ހަރުފަތަކަށް ގެންދާނެ ކަމެއް ގޮތުގައި އާމިރު ވަނީ ސިފަކުރައްވާފައެވެ.

"ފްރީލަންސަރުންނާއި، ވިޔަފާރުވެރިންނާއި، އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާލީ މުއާމަލާތުތަކެއް ކުރެވުމަކީ އެ ފަރާތްތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް."

ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު އާމިރު ވިލިއާނީ

ޕޭޕަލްގެ ހިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން ރާއްޖެއަށް ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ކަމަށް ވީއިރު، ޕޭޕަލްގެ ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ.