ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ސޯބެ ވަނީ މަގާމަށް ހުވާކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން އިތުރު ބަޔަކާއެކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ. އެ އިންތިހާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
މި އިންތިޚާބު ސޯބެ ކާމިޔާބުކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. އަދި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު އަށް ލިބިފައި ވަނީ 1،313 ވޯޓެވެ.
އަބްދުﷲ ސޯދިގަކީ ދިގު މުއްދަތެއް ވަންދެން އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 10 އަހަރު ދުވަހު އޭނާ މޭޔަރުކަން ކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ފަހުގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އޭނާ އަދާކުރައްވައިފައިވެއެވެ.