ފާއިތުވެދިޔަ ދެއަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން 1.29 ބިލިޔަން ޑޮލަރު ދަރަނި އަދާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދ. އަތޮޅު މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކާއި، މިހާރުގެ ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނިތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.
އެގޮތުން މި ސަރުކާރު އައިފަހުން މިހާތަނަށް ދައްކާފައިވާ 1.29 ބިލިޔަން ޑޮލަރުގެ ތަފްޞީލް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިދައުރުގެ ތެރޭގައި ނެގި ދަރަނީގެ ތެރެއިން 4.9 މިލިޔަން ޑޮލަރު ދައްކަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޔާމީންގެ ސަރުކާރުން ޖުމްލަ ދައްކާފައި ވަނީ 418.17 މިލިއަން ޑޮލަރުގެ ދަރަނި ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ދައްކާފައި ވަނީ 953.93 މިލިއަން ޑޮލަރުގެ ދަރަނި ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 891 މިލިޔަން ޑޮލަރާއި، އޭގެ ކުރީ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 195 މިލިޔަން ޑޮލަރުވެސް މި ސަރުކާރުން ދައްކާފައިވާ ކަމަށެވެ.
ހަމައެހެންމެ ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 62.5 މިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށާއި، މި ސަރުކާރުން މިހާތަނައް ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ބާކީ ދައްކަން އިނީ 239 މިލިޔަން ރުފިޔާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 1.14 ބިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށާއި އޭގެ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ދައްކަވެފައިވާ 710 މިލިޔަން ޑޮލަރު ހުރިއިރު ރައީސް ނަޝީދާ އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 150.4 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިވެސް އަދިވެސް ދައްކަންވެފައި އޮތް 106.3 މިލިޔަން ޑޮލަރު އެބަ އޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.