ގައުމާމެދު ވިސްނުމުގެ ގޮތުން މާޒީގައި ކަންހިނގާފައި ހުރި ގޮތް ހަނދާންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ‏ދ. މީދޫ ކައުންސިލް ރައީސްގެ ރީ އިލެކްޝަންގައި ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ ފިކުރަކީ އިސްލާމްދީން ހިމާޔަތްކުރުމާއެކު، ދިވެހިރާއްޖޭގައި އަމާންކަމާއި ސުލްހަވެރިކަން ނަގަހައްޓައި ރާއްޖެއަށް ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމުުގެ މަސައްކަތުގައި ސާބިތުވެ އޮންނަ ފިކުރު ކަމަށެވެ.

އެގޮތުން އެއީ ދެގޮތެއްނުވާ ގުނޑުމެއް ނާންނަ ފިކުރެއް ކަމަށާއި ކުރިއަށް ދަނީ އަދި ކުރިއަށް އޮތް ތަނުގައި ދާނީވެސް އެ ފިކުރުގެ މަތީގައި މާތްވެގެންވާ އިސްލާމްދީންް މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަަތަކީ، އަދި ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ފެނުނުކަމަކީވެސް އެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށް ވިދާޅުވެ، ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ހާސިލުކޮށްދިނުމުގެ އަމާޒަށް ދަތުރުކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބުތަކެއް ހާސިލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ގައުމާމެދު ވިސްނުމުގެ ގޮތުން މާޒީގައި ކަންކަންް ހިނގާފައި ހުރި ގޮތް ހަނދާންކުރަންޖެހޭކަމަށާއި ނިމުނު ސަރުކާރުގައި ފެނުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް، ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ދޫކޮށްލި މަންޒަރު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެންގެ މިނިވަންކަންގެއްލޭ ހިސާބަށް ކަންތައްތައް މީގެ ކުރީގަ ގޮސްފައިވޭ.އަޅުގަނޑުމެންގެ ކުރިމަތީގައި ކަންތައްތައް ހިނގަމުންދާއިރު އަޅުގަނޑުމެންގެ ސިކުނޑިން ވިސްނަންޖެހޭ ކަންކަން މި ހުންނަނީ. މީގެ ކުރީގަ ކިހިނެތްތޯ ކަންތައްތައްވެފަ ހުރީ.އާދެ މާދުރުނޫން މާޒީއެއް.މިދިޔަ ސަރުކާރުގަ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކަނޑުން ބޮޑުބައެއް އެނގުމެއް ކެހުމެއްނެތި ޤާނޫނާ ގަވައިދާ ޚިލާފަށް ޤާނޫނު އަސާސީއާ ވެސް ޚިލާފަށް.ރައްޔިތުންގެ މަޖިލީހުގެވެސް ދައުރެއްނެތި ބޮޑުބައެއް ދޫކޮށްލީ."

ރައީސް ޑރ. މުހައްމަދު މުޢިއްޒު

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި ވިއްކައިލި ނުވަތަ ދޫކޮށްލި ކަނޑު މި ސަރުކާރުގެ ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، އެ ސަރަހައްދަކީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން މި ގައުމުގެ ސަރަަހައްދެެއްކަމަށް ކަނޑައަަޅާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.