ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި އަލްޕިޓޯރް ވޯލްޑް ގުޅިގެން، އިޓަލީގެ ނަން މަޝްހޫރު ލައިފްސްޓައިލް، ދަތުރުފަތުރު އަދި ފެޝަން މަޖައްލާތަކުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށްގެންދިޔަ މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވީއެމްސީން ބުނީ މި ހަރަކާތަކީ އިޓަލީގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އާއި އަލްޕިޓޯރް ވޯލްޑް ގުޅިގެން ކުރިއަށްގެންދާ މާކެޓިން ހަރަކާތްތަކުގެ ބައެއް ކަމަށެވެ.

މީގެ މައިގަނޑު މަގްސަދަކީ އެކި ލިޔުންތަކާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މަޢުލޫމާތު އިޓަލީގެ ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

އަލްޕިޓޯރް ވޯލްޑުން ހޮވާލި މި ވަފުދުގައި ހިމެނެނީ ވެނިޓީ ފެއާ، އެލް، ހާޕާސް ބާޒާރު، ނެކްސްޓް ޖެން މެގަޒިން އަދި ދަ ވޮމް ފަދަ މަޝްހޫރު މަޖައްލާތަކުގެ ނޫސްވެރިންނެވެ.

ވީއެމްސީން ބުނީ މި ދަތުރުގައި ނޫސްވެރިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ތަޖުރުބާތަކެއް ކޮށްފައި ކަމަށެވެ.

އެގޮތުން، ފިޔަވަޅު ރިސޯޓް، ވިލާ ޕާކް ސަން އައިލެންޑް އަދި ވިލާ ނޯޓިކާގައި އެބޭފުޅުން މަޑުކޮށް، ދިގުރަށާއި މާމިގިއްޔަށް ޒިޔާރަތްކޮށް، ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމާއި، ކަނޑުއަޑީގެ ރީތިކަން އަދި ސަގާފީ ކަންކަން ތަޖުރިބާކޮށްފައިވާ ކަމަށް ވީއެމްސީން ބުނެފައި ވެއެވެ.

މި ޕްރޮގްރާމުގެ ސަބަބުން، ރާއްޖެއަކީ ހަމައެކަނި ރިސޯޓުތަކެއްގެ ގޮތުގައި އޮތް ތަސައްވުރު ބަދަލުވެ، ރާއްޖޭގެ ރަށްތަކާއި، އާދަކާދަތަކާއި، ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަން އިޓަލީގެ އޯޑިއަންސްތަކަށް ވަރަށް ގާތުން ފެނިގެންދާނެ ކަމަށްވެސް ވީއެމްސީން ބުނެފައި ވެެއެވެ.

އިޓަލީއަކީ އަބަދުވެސް ރާއްޖެއަށް ޔޫރަޕުން އެންމެ މުހިންމު އެއް މާކެޓު ކަމަށާއި މިފަދަ ގުޅުންތަކުގެ ސަބަބުން އިތުބާރު ހުރި ނޫސްވެރިންގެ ޒަރީއާއިން ރާއްޖޭގެ ފުރިހަމަ މަންޒަރު ދުނިޔެއަށް ދެއްކުމަށް މަގުފަހިވާ ކަމަށް ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލްޕިޓޯރް ވޯލްޑާއެކު ކުރެވުނު މި މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިންދަފާތުކަން ދައްކާލެވިއްޖެ ކަމަށެވެ.

އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 10 ޖޫން 2026ގެ ނިޔަލަށް އިޓަލީން 70,163 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ ރަނގަޅު ނަތީޖާއަށްފަހު ފެނިގެންދިޔަ ކުރިއެރުމެކެވެ.

ވިޒިޓް މޯލްޑިވްސްއިން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށްޓަކައި، ދުނިޔޭގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.