ހދ. ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެގޮތުން ހދ. ވައިކަރަދޫގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ދިވެހި ފުލުހުންގެ ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރ ބައިވެރިވެލެއްވިއެވެ.

ފުލުހުން ބުނީ މި ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، ވައިކަރަދޫގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އަދި މި އިމާރާތުގެ މަސައްކަތް ނިމުމުން، ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ކޮމިއުނިޓީ ޕޮލިސިންގގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި މަޝްރޫއަކީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.