ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއަށް ވަޑައިގަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން ދ.މީދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ބަނދަރު ސަރަހައްދަށް ނިކުމެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ޑރ.މުޢިއްޒު ދ. މީދޫއަށް މިއަދު ވަޑައިގަންނަވާފައި ވަނީ އިއްޔެ ބޭއްވި އެ ރަށު ކައުންސިލް ރައީސް އިންތިޚާބު ޕީއެންސީގެ ކެނޑިޑޭޓު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް މިރޭ ބާއްވާ ޕީއެންސީގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް އިއްޔެ ނެގި ވޯޓުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް އެ މަގާމަށް އިންތިހާބުވީ އެމްޑީއޭގެ ކެންޑިޑޭޓާ ވާދަކޮށްގެންނެވެ. ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،049 މީހުންގެ ތެރެއިން 985 މީހަކު އެ އިންތިހާބުގައި ވޯޓުލި އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން 529 ވޯޓާ އެކު އެ ގޮނޑި ސުހާ ކާމިޔާބުކުރިއިރު އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނީ 449 ވޯޓެވެ.
އެ ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސްގެ ދެކަނބަލުން ދ. މީދޫއަށް ވަޑައިގެންނެވިއިރު މީދޫއަކީ މެޑަމް ސާޖިދާ މުހައްމަދުގެ މަންމަ ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.