މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯންގެ އަދަދު 51.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެމްއެމްއޭ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުތަކެވެ. އެގޮތުން އޭޕްރިލް މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް 14.15 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެއީ ބެންކްތަކާއި އެހެނިހެން މާލީ އިދާރާތަކުން އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ލޯންތަކާއި އެޑްވާންސްތައް ހިމެނޭ ގޮތަށެވެ.
އެމްއެމްއޭގެ ތަފާސްހިސާބުގައިވާ ގޮތުން އޭޕްރިލްގެ ނިޔަލަށް ފަތުރުވެރިކަމަށް ދޫކޮށްފައިވާ އަދަދަކީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ލޯނުތައް ދޫކޮށްފައިވާ އަދަދަށް ވުރެ 13.5 އިންސައްތައިގެ އިތުރު އަދަދެކެވެ.
އޭޕްރިލް މަހުގެ ނިޔަލަށް އިމާރާތް ކުރުމުގެ ދާއިރާއަށް 10.01 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ އިރު އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 24.2 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް 5.57 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ދޫކޮށްފައިވާ 5.48 ބިލިއަން ހިމެނެއެވެ. އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކަށް 82.67 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ވިޔަފާރިތަކަށް ދީފައިވާ ލޯނުތަކަކީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ދޫކޮށްފައިވާ އަދަދަށް ވުރެ 48.8 އިންސައްތަ އިތުރު އަދަދެއް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުން ދައްކަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުން އޭޕްރިލް މަހުގެ ނިޔަލަށް މަސްވެރިކަމުގެ ދާއިރައަށް 573.07 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވަނީ 18.03 މިލިއަން ދޫކޮށްފައިވާއިރު، އެ ސިނާއަތަށް ވެސް ލޯނު ދޫކުރި މިންވަރު، މިދިޔަ އަހަރަށްވުރެ މަދުވެފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން އެނގެއެވެ.
މި އަހަރު ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ގިނަ ސިނާއަތްތަކުން ނަގައިފައިވާ ލޯނުން ބޮޑު އިތުރުވުމެއް ވަނީ ފެނަފައެވެ.
ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން ދަށްވެފައިވާއިރު، ތެލުގެ އަގާއެކު އެހެނިހެން މުދަލުގެ އަގު ވެސް ދަނީ އުފުލެމުންނެވެ. އެގޮތުން ރާއްޖޭގެ ބާޒާރުގައި ސިމެންތީގެ އަގު ވަރަށް ބޮޑަށް އުފުލި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު މައްސަލަ ފެންމަތިވެފައިވެއެވެ.
މީގެ އިތުރުން ކާބޯތަކެތި ފަދަ އަސާސީ ތަކެތީގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި އަހަރުގެ ދެވަނަ ކުއާޓަރު މިހާރު ހިނގަމުންދާއިރު، މި މުއްދަތުގެ ތެރޭގައި ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކުގެ ވެސް މާލީ ހާލަތު ދަށްވާނެ ކަމަށް، އެމްއެމްއޭގެ ބިޒްނަސް ސާވޭއިން ދައްކައިފައިވެއެވެ.