ލޭ ހަދިޔާ ކުރާ މީހުންގެ ހިތްހެޔޮކަމާއި ދީލަތިކަމުގެ އަގު ވަޒަންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާއިރު އެ ފަރާތްތަކުގެ ހިތްހެޔޮކަމާއި ދީލަތިކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި އެދުން ކުޑަ އެ އަމަލުގެ ސަބަބުން ލޭއަޅަންޖެހޭ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ދަތި ވަގުތުތަކުގައި އުއްމީދު ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ލޭހަދިޔާ ކުރުމުގެ ކޮންމެ ހަރަކާތެއްގެ ފަހަތުގައިވެސް އިންސާނިއްޔަތު ކަމާއި އޯގާތެރިކަމުގެ ވާހަކައެއް ވާ ކަމަށެވެ. އަދި ކްރިޓިކަލް ފަރުވާ ބޭނުންވާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް ލޭ ހަދިޔާކުރާ މީހުންގެ އެ އަމަލު ވެގެންދަނީ ބިރުވެރިކަމާއި އުންމީދާ ދެމެދުގެ ތަފާތަށްކަމަށް ވިދާޅުވިއެވެ.

ލޭ ހަދިޔާ ކުރުންފަދަ ކުޑަ ކަމެއްގެ ސަބަބުންވެސް އެހެން މީހެއްގެ ދިރިއުޅުމަށް ހެޔޮ ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެހެންވެ ގަވާއިދުންނާއި އަމިއްލަ އިޚްތިޔާރުގައި ލޭ ހަދިޔާ ކުރުމުގެ ޒިންމާއާ މެދު ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.