ފުލުހުން މެދުވެރިކޮށް ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދު ބަލަހައްޓަން ފަށައިފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ މި ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ރޭންޖަރުންނާއެކު ފުލުހުންވެސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީން ވަނީ މި ސަރަހައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ސަންޕާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ މި ސަރަހައްދު ވަނީ 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައެވެ.
ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ މި ސަރަހައްދަށް ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ޓޫރިސްޓުންނެއް ޒިޔާރަތްކުރެއެވެ.