ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ނަގަނީ 10 ދުވަސްކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން ބުނީ މުދާ ބޭރުކުރުމުގެ މަރުހަލާގެ ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ކަމަށެވެ. މި ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓުކަމަށެވެ.
ދިރާސާއިން ދައްކާ ގޮތުގައި، ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވެއެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވެއެވެ.
އޮފް-ޝޯ ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރާއި 55 މިނެޓު ހޭދަވާއިރު އޮފް-ޝޯ އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރާއި 47 މިނެޓް ހޭދަވެއެވެ.
އެގޮތުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް 1 ދުވަހާއި، 9 ގަޑިއިރާއި، 35 މިނެޓު ހޭދަވެއެވެ. ބުކިން ފޯމަށް ހުއްދަ ލިބުމަށް ގާތްގަނޑަކަށް 1 ދުވަހާއި، 13 ގަޑިއިރާއި، 57 މިނެޓު ހޭދަވެއެވެ.
މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. އެ މަރުހަލާއަށް އެކަނިވެސް 2 ދުވަހާއި، 12 ގަޑިއިރާއި، 3 މިނެޓު ހޭދަވާކަމަށް ތަފާސްހިސާބުން ދައްކައެވެ.