ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޒީނާޒު އަދުނާން އައްޔަންކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ވީނިއުސް" އަށް މައުލޫމާތުދެމުން ވިދާޅުވީ، ޒީނާޒު އެ ވުޒާރާގެ ސްޓޭޓަކަށް އައްޔަން ކުރެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި، އޭނާ އޮފީހަށް ނުކުންނަވަން ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ޖެންޑާއާ ގުޅޭ ކަންކަން ބަލަހައްޓާ ފަޅީގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ޒީނާޒް މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ. ޒީނާޒަކީ މި ސަރުކާރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ.
ޒީނާޒުގެ ފިރިކަލުން އާދަމް ޝަރީފް އުމަރު ވަނީ ދާދިފަހުން ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ރައީސް ގެންނަވަން ނިންމެވި ބަދަލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ނިންމަވައި, މަޖިލީހަށް ނަން ފޮނުއްވާފައިވަނީ, ރާއްޖޭން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އާދަމް ޝަރީފް އައްޔަން ކުރެއްވުމަށެވެ.