ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރި ފަރާތްތަކުން ފޯމު ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ކޮންމެހެން ހުށަނާޅާ ފުލެޓަށް ފޯމު ހުށަހެޅޭނެ ކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ވަނީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ފްލެޓަށް ހުށަޅެނޭ ގޮތް ހަދާފައެވެ. އަދި އެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ތެރެއިން ކުރިން އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ހަދައި، އަމިއްލައަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އެކަންޏެވެ. އެހެން ނަމަވެސް، ފަހުން އެ ވުޒާރާއިން ވަނީ، އެ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ވެސް ފޯމު ހުށަހެޅޭ ގޮތަށް ހަދައިފައެވެ.

އެ ވުޒާރާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މީގެ ކުރިން ބުނެފައެވެ.

އެ އިސްލާހުތަކާއި އެކު އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ހުށަނާޅާ އެޕްލިކޭޝަން މިހާރު ހުށަހެޅޭނެ ކަމަށެވެ.

ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހާއްސަ ލުއިތަކެއްގެ ދަށުން، މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި ވެސް ލުއިތަކެއް ދީފައެވެ. އެގޮތުން ފްލެޓަށް ޝަރުތު ހަމަވުމަށް މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުރިއަށްވުރެ ކުޑަކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.