އާންމު ސިއްހަތު ރައްކާތެރިކުރުމަށް ލޭ ހަދިޔާކުރުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ފާހަގަކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތްކުރެވޭ ކަމަށާ، އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭއަޅަންޖެހޭ ބަލިމީހުންނަށް އެ ބޭނުންވާ ފަރުވާ ވަގުތުން ހޯދައިދެވޭ ކަމަށެވެ.
މީގެ އިތުރުން ލެޔަކީ ޓެކްނޮލޮޖީއާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކުވެސް އޭގެ އިތުރުގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި މީގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިވާކަމަށެވެ.
ރާއްޖެއަކީ ރަށްރަށް ވަކިވެފައިވާ ގައުމަކަށްވާއިރު އެފަދަ ގައުމަކަށް ބޭނުންވާ ވަގުތު، ލޭ ލިބޭނެ އިންތިޒާމުތަށް ހަމަޖެހިފައި ހުރުމަކީ ސިއްހީގޮތުން ދިމާވާ ކުއްލި ހާލަތްތަކުގައި މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު އެމަނިކުފާނުގެ ސަރުކާރުން އާންމު ހޭލުންތެރިކޮށް، އަމިއްލައަށް ލޭ ހަދިޔާ ކުރުމަށް ބާރުއެޅުމަށާއި މުޖުތަމައުގެ އެންމެންގެ ދުޅަހެޔޮ ސިއްހަތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގަވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަގްވާމީ ފެންވަރެއްގައި ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަކުރާ ދުވަހެކެވެ. އަދި ގަވާއިދުން ލޭ އެޅުމަށްވެސް މި ދުވަހު ބާރުއަޅައެވެ.