މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،000 އަށްވުރެ ގިނަ މީހުންނަށް ލިބޭ ކަމަށް އެ ޕާޓީން ބުނެފައިވާ އިރު، ވޯޓުލާފައި ވަނީ 31،129 މީހުން ކަމަށް ވަގުތީ ނަތީޖާ އިން ދައްކައެވެ. މި އިންތިހާބުގައި 3 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އަދި މި އިންތިހާބު، 21،301 ވޯޓާ އެކު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދުއާ މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 9،462 ވޯޓެވެ.
މި އިންތިހާބުގައި ވާދަކުރެއްވި އިބްރާހިމް މުހައްމަދަށް ލިބުނީ 132 ވޯޓެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ރައީސް ނަޝީދު ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވިކަން ވަނީ ކަށަވަރުވެފައެވެ. އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާޓީފިޝަލް ބީޗުގައި ހާއްސަ ހަރަކާތެއްވެސް ބާއްވާފައިވެއެވެ.
މި އިންތިހާބަކީ އެމްޑީޕީގެ ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބެވެ. މީކާއީލް މި އިންތިހާބަށް ނުކުމެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާ އެކުގައެވެ.
ނަޝީދާއި ސޯލިހާ ދެ ބޭފުޅުން އެކުގައި ސިޔާސީ މަސައްކަތްކުރައްވަމުން ގެންދެވި ނަމަވެސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ފެށިގެން ދެ ބޭފުޅުންގެ ދެމެދު މައްސަލަތައް އިތުރުވި އެވެ.