ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބްރެޒިލް އާއި މޮރޮކޯ ވާދަކުރި މެޗު އެއްވަރުވެއްޖެ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް އާއި، އެފްރިކާގެ އެންމެ ފަހުގެ ޗެމްޕިއަން މޮރޮކޯގެ ކުރިމަތިލުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ނިއު ޔޯކްގެ މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ މޮރޮކޯއިންނެވެ. އެގޮތުން، އެ ޓީމުން އަވަސް ކުޅުމަކާއެކު އެޓޭކްތައް އުފައްދަން މަސައްކަތްކުރަމުން ދިޔަ އިރު، ބްރެޒިލްއަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި، މެދުތެރެއިން ވަނީ ގިނަ ބޯޅަތަކެއް ގެއްލިފަ އެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ބްރެޒިލްއިން އުފެއްދި އެޓޭކެއްގައި ވިނީޝިއުސް ޖޫނިއާ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަށް އެރި އިގޯ ތިއާގޯއަށް އެ ބޯޅަ ބޮލުން ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
އޭގެފަހުން މެޗުގެ 21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ދިން ބޯޅައަކުން މޮރޮކޯއަށް ލަނޑު ޖަހައިދިނީ އިސްމާއީލް ސައިބާރީ އެވެ. ސައިބާރީ ހަމަޖެހިލާފައި ބޯޅަ ގޯލަށް ފޮނުވާލީ ބްރެޒިލްގެ ގޯލުކީޕަރުގެ އެލިސަން ބެކާގެ ބޯމަތިންނެވެ.
ބްރެޒިލްއިން އެއްވަރުކުރީ މެޗުގެ 32 ވަނަ މިނެޓުގަ އެވެ. މިއީ ރެއާލް މެޑްރިޑަށް ކުޅޭ ތަރި ވިނީ ޖޫނިއާ ޖަހައިދިން ލަނޑެކެވެ. ހަލުވިކަމާއެކު މޮރޮކޯ އޭރިއާ ތެރެއަށް ވަދެ ވިނީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ފުރަތަމަ ހާފު އިތުރު ވަގުތު ލޫކަސް ޕަކޭޓާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ، މޮރޮކޯގެ ކީޕަރު ޔަޝީން ބޫނޯ ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އިތުރު ލަނޑެއް ޖަހަން ބްރެޒިލްއިން މަސައްކަތްކުރަމުންދިޔަ އިރު، މެޗުގެ 77 ވަނަ މިނެޓުގައި ވިނީ ދިން ޕާހަކުން ރަފީނިއާ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރުގެ އަތަށެވެ.
އޭގެފަހުން 82 ވަނަ މިނެޓުގައި ރަފީނިއާ ހުހަށް އެރި ބޯޅައެއް މޮރޮކޯގެ ކީޕަރު ބޫނޯ ވަނީ އޭރިއާ ބޭރަށް ނުކުމެ ސާފުކޮށްލާފަ އެވެ.
މެޗުގެ ފަހުކޮޅު ބްރެޒިލްއިން ކުރިއަށް ދޭ ބޯޅަތައް ގިނަކޮށް ލީޑު ނަގަން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވި އެވެ.
އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ހަކީމީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އެލިސަން ވަނީ މަތަކޮށްފަ އެވެ.
ވޯލްޑް ކަޕްގައި މާދަމާ ހެނދުނު އޮތީ މި ގްރޫޕްގެ ދެން ހިމެނޭ ހެއިޓީ އާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 6:00 ގަ އެވެ.