ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގެ ދެވަނަ މެޗުގެ ފަހު ވަގުތު ލަނޑު ޖަހަައި، ގަތަރުން ސްވިޓްޒަލެންޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ކެލިފޯނިއާގެ ލެވީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި މޮޅަށް ކުޅެމުންދިޔަ ސްވިޓްޒަލެންޑުން ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. ރޭމޯ ފްރޫލާއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ، ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ފޮނުވާލީ ސްވިޒަލޭންޑްގެ ބްރީލް އެމްބޯލޯއެވެ. މި ޕެނަލްޓީ ދިން ވަގުތު ގަތަރުގެ ކުޅުންތެރިން އޮފްސައިޑް ކަމަށް ބުނެ އިހުތިޖާޖު ކުރި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީ ސައްހަ ކަމަށެވެ.
މުރާތު ޔަކިންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ސްވިޒަލޭންޑުން ދެވަނަ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ޑޭން އެންޑޯއީ އާއި ރުބެން ވަރްގަސްއަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް، ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުގެ ނަތީޖާއަކަށްވީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ގަތަރުން ލަނޑެއް ޖަހައި ސްވިޒަލޭންޑް މާޔޫސްކޮށްލުމެވެ.
މެޗުގެ ބޮޑު ބަޔަކު ސްވިޒަލޭންޑުން ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ގަތަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ބޯލަމް ހޫކީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ސްވިޒަލޭންޑުގެ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު ގަތަރުގެ ސަޕޯޓަރުންނާއި ކުޅުންތެރިން އުފާފާޅުކުރާއިރު، މިއީ އެ ޓީމުގެ ވޯލްޑް ކަޕް ކެމްޕޭން ފެށުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަނެއްކޮޅުން، މެޗު ޑޮމިނޭޓްކޮށް މޮޅުވާން ދަނިކޮށް ޕޮއިންޓަކުން ފުއްދާލަން ޖެހުމުން ސްވިޒަލޭންޑަށް ވަނީ ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ.
ސްވިޒަލޭންޑުން ދެން ނުކުންނާނީ މި މަހުގެ 19 ވަނަ ދުވަހު ބޮސްނިއާއާ ދެކޮޅަށެވެ. ގަތަރުގެ ދެވަނަ މެޗުގައި ޖޫން 19 ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށެވެ.