ރައްޔިތުން މިއަދު އެދެނީ އަވަސް އަދި ފަސޭހަ ހިދުމަތަށާއި ސިިވިލް ސާވިސްގެ އަމާޒަކީ އެ އުންމީދުތައް ކާމިޔަބު ކޮށްދިނުން ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސިވިލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ވިދާޅުވީ މި ކޮންފަރެސްގެ ތެރެއިން ހާސިލް ކުރަން ބޭނުންވާ މުހިންމު މަގްސަދުތަކެއް އެބަ ހުރި ކަމަށެވެ.

ފުރަތަމަ ކަމަކީ ހިދުމަތް ދިނުމުގައި ހުރި އިދާރީ ގޮތުން ދިގުލާ ދަތިތައް އެއްކޮށް ނައްތާލުން ކަމަށާއި ދެވަނަކަމަކީ މުވައްޒަފުންނާއި އޮންނަން ޖެހޭ ގުޅުން ވަރުގަދަކޮށް އެއް އިދާރާއަކުން އަނެއް އިދާރާއަކާށް މައުލުމާތާއި ވަސީލަތްތައް ބަދަލުކުރުން ހަލުވިކުރުން ކަމަށް މުޖުތާޒް ވިިދާޅުވިއެވެ. އަދި ތިންވަނަކަމަކީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ރައްޔިތުން ހިދުމަތް ހޯދުމުގައި މަޑުކުރަން ޖެހޭ ވަގުތު މަދުކުރުން ކަމަށް މުޖުތާޒް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތިބީ ދިވެހި ސިވިލް ސާވިސްގެ އާޒަމާނެއްގެ ކުރިމަގު އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމުން ބައްޓަންކުރުމަށް. ރައްޔިތުންގެ އުންމީދުތަކާއި އެއްވަރަށް ހިދުމަތް އަވަސްކޮށް ފަސޭހަކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ބައްޓަން ކުރާނެ ގޮތްތައް ހޯދުމަށް.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް

މުޖުތާޒް ވިދާޅުވީ އެކޮމިޝަންގެ ކުރިމަގު އެކޮމިޝަނުން އަމިއްލައަށް ކަނޑައެޅުމަށް އަތޮޅުތެރެއިންނާއި މާލޭގެ އެކި އެކި މިންސްޓްރީތަކާއި ޑިޕާޓްމަންޓްތަކުގެ ވެރިން ދައުލަތުގެ އިސްވެރިންނާއެކު އެއް މާހައުލެއްގައި ތިބެ ގޮންޖެހުންތަކާއި ދިމާވެފައިވާ ހުރަސްތަކާއި މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްލާނެ ފުރުސަތު މި ކޮންފަރެސްގެ ތެރެއިން ތަނަވަސް ވެގެން ދާނެކަމަށެވެ. އަދި އެއީ މި ކޮންފަރެންސް މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަން މުޖުތާޒް ވަނީ ފާހަގަކުރައްވާފައެވެ.