އަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސްޕްރީމް ލީޑަރ އަލީ ޚާމަނާއީގެ ޖަނާޒާ އިރާނުގެ ވެރިރަށް ތެހެރާންގައި ޖުލައި 4 ގައި ފަށާނެކަމަށާއި އަދި މަޝްހަދުގައި ޖުލައި 9 ގައި ފަސްދާނަލާނެކަމަށް އިރާނުގެ ދައުލަތުގެ މީޑިޔާއިން ބުނެފިއެވެ.

ޚާމަނާއީގެ ޖަނާޒާ ބޭއްވުމަށް އެންމެ ފުރަތަމަ ޝެޑިޔުލްކުރީ މަރޗް މަހުއެވެ. ނަމަވެސް އިރާނާއި އެމެރިކާ އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޖަނާޒާގެ ކަންކަން ވަނީ ފަސްކޮށްފައެވެ. ޖުލައި މަހު ޚާމަނާއީގެ ޖަނާޒާ ބާއްވާނެކަން އިރާނުގެ މީޑިޔާއިން ހާމަކޮށްފައިވާއިރު ޖަނާޒާގެ ރަސްމިއްޔާތު ޖުލައި 4 ގައި ތެހެރާނުން ފަށާއިރު ތިން ދުވަހުގެ މުއްދަތަށް ޖަނާޒާގެ ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެއިތުރުން ގޫމްގައި ޖަނާޒާގެ ކަންކަން ކުރިޔަށްދާނީ ޖުލައި 7 ވަނަ ދުވަހުއެވެ. ގޫމް އަކީ އިރާނުގެ ހޮލީ ސިޓީއެކެވެ.

އުމުރުފުޅުން 86 އަހަރުގައި ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައެވެ. އެދުވަހުގެ ހަމަލާތައް ޚާމަނާއީ ދިރިއުޅުއްވަމުންގެންދެވި ގެކޮޅަށް އަމާޒުކޮށް ދީފައިވަނީ ޚާމަނާއީ އަވަހާރަކޮށްލާ އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ބަޔަކު އިރާނުގެ ސަރުކާރަށް ގެނައުމަށެވެ.

ނަމަވެސް އޭގެފަހުން ސްޕްރީމް ލީޑަރުކަމަށް އައްޔަނުކޮށްފައިވަނީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއެވެ. މަގާމަށް އައްުޔަނުކުރިފަހުން މިހާތަނަށް އައިއިރުވެސް މުޖުތަބާ އާންމުންގެ ތެރެއިން ފެނިފައެއްނުވެއެވެ.

ޚާމަނާއީ އަކީ މިހާރު އިރާނުގައި އޮތް އިސްލާމިކް ރިވޮލިޔުޝަނަރީ ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޚާމަނާއީ އިރާނުގެ ސްޕްރީމް ލީޑަރުކަމަށް އިސްކުރެވުނީ 1989 ވަނަ އަހަރު އޭރު ސްޕްރީމް ލީޑަރުކަމުގައި ހުންނެވި އާޔަތުﷲ ރޫހުﷲ ޚުމައިނީ އަވަހާރަވުމާއި ގުޅިގެންނެވެ.