ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އިނގިރޭސި ގައުމީ ޓީމު ކޭމްޕްކުރާ ސްވޯޕް ސޮކާ ވިލެޖަށް ދިޔުމުގެ ކުރިން، އެ ޓީމު ތަމްރީނުތަކުގައި ބޭނުންކުރާ ބައެއް ސާމާނު ވަގަށް ނަގައިފި އެވެ.
ފްލޮރިޑާގައި ކޭމްޕްކޮށްގެން ތިބި އިނގިރޭސި ގައުމީ ޓީމު ކަންޒަސް ސިޓީއަށް ދިއުމުގެ ކުރިން، އެ ޓީމުގެ ވަސީލަތްތައް ގެންދިޔަ އުޅަނދުގައި ހުރި ސާމާނުން ވަނީ ވައްކަންކޮށްފަ އެވެ. އެގޮތުން ކުޅުންތެރިންގެ ބޫޓުތަކާއި، ބޯޅަތަކާއި، ކޯޗިން ސްޓާފުން ބޭނުންކުރާ އާލާތްތަކުގެ އިތުރުން އެހެނިހެން ތަކެތި ވެސް ވަނީ ވަގަށް ނަގާފަ އެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށައި، ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
މި މައްސަލައާ ބެހޭގޮތުން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ގެއްލުނު ތަކެތީގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ގެންދާތީ އެސޯސިއޭޝަނުން މިކަމާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕަށް ނުކުންނަ އިނގިރޭސި ޓީމު އޮތީ މުބާރާތުގެ ގްރޫޕް އެލްގަ އެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ކްރޮއޭޝިއާ، ޕެނަމާ އަދި ގާނާ އެވެ. އިނގިރޭސީން ގުރޫޕް ސްޓޭޖްގައި ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.