ފީފާ ވޯލްޑް ކަޕްގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗުން 4-1 އިން ޕެރަގުއާއީ ބަލިކުރި އިރު، ކެނަޑާ އާއި ބޮސްނިއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އެމެރިކާއިން މޮޅަކުން ފެށި އިރު، ކެނަޑާ އާއި ބޮސްނިއާ އެއްވަރު
އެމެރިކާއިން މޮޅަކުން ފެށި އިރު، ކެނަޑާ އާއި ބޮސްނިއާ އެއްވަރު

މިއަދު ހެނދުނު ގްރޫޕް ޑީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ވަނީ ތިން ލަނޑު ޖަހާފަ އެވެ. އެގޮތުން އެމެރިކާގެ ފުރަތަމަ ލަނޑަކީ މެޗުގެ ހަތް ވަނަ މިނެޓުގައި ޕެރަގުއާއީގެ ޑަމިއަން ބޮބަޑިއްޔާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެ ހާފުގައި އެމެރިކާއިން ޖެހި އަނެއް ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ފްލޯރިއަން ބަލޮގަން އެވެ. އޭނާ މި ދެ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނެޓާއި، ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގަ އެވެ.

ޕެރަގުއާއީގެ ހަމައެކަނި ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި މައުރީސިއޯ އެވެ. އޭގެފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކާގެ ފަހު ލަނޑު ޖެހީ ޖިއޯ ރެއިނާ އެވެ.

ގްރޫޕް ބީގައި ރޭ ކެނަޑާ އާއި ބޮސްނިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނު އިރު، މިއީ ކެނަޑާއަށް ވޯލްޑް ކަޕެއްގައި ލިބުނު ފުރަތަމަ ޕޮއިންޓުކަން ފާހަގަކޮށްލެވެ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބޮސްނިއާއިންނެވެ. މިއީ މެޗުގެ 21 ވަނަ މިނެޓުގައި ޖޯވޯ ލުކިޗް ބޮލުން ޖެހި ލަނޑެކެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި ކެނަޑާއަށް އެއްވަރުކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް ކައިލް ލަރިން އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ބީގައި މިރޭ 00:00 ގައި ގަތަރާއި ސްވިޓްޒަލެންޑް ބައްދަލުކުރާއިރު، 3:00 ގައި ގްރޫޕް ސީގެ މޮރޮކޯ އާއި ބްރެޒިލް ވާދަކުރާނެ އެވެ. އަދި މާދަމާ ހެނދުނު 6:00 ގައި އެ ގްރޫޕްގެ ހެއިޓީ ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.