ވަތަނީ ހިދުމަތުގެ ތަމްރީނު ނިންމައި، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގައި ބައިވެރިވެ އެކި ވަނަތައް ހަސިލްކުރި ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން އޭގެ ތެރެއިން އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް އަމާޒުކޮށް ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބުރު ވަނީ ބާއްވާފައެވެ. މި ބުރުން 137 ދަރިވަރަކު ވަނީ ދިވެހި ސިފައިންގެ ޚިދުމަތާއި ގުޅިފައެވެ. މިއީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ދަރިވަރުންކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން އެކި ވަނަތައް ހާސިލްކުރި ބައިވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ކޯސް ނިންމި ދަރިވަރުންނަށް ހިތްވަރު ދެއްވައި، ސިފައިންގެ ޚިދުމާތާ ގުޅުނު ޒުވާނުންނަށް ސާބަސް ރައްދުކޮށްދެއްވާފައިވެއެވެ.
ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް މުހައްމަދު ނަޒީހު ރަޝީދެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ހަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިޝަތު ރަނާ އަބްދުއް ރަހްމާނެވެ. އަދި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ޕްރައިވެޓް އަނޫސް މުހައްމަދު ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި އުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުހައްމަދު ރަޒާން އަލީ ޒާހިރު އެވެ.
ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ތަމްރީނު ފުރިހަމަ ކުރި ގިނަ އަދަދެއްގެ ދަރިވަރުން ދިވެހި ސިފައިންގެ ޚިދުމާއި ގުޅިފައިވާއިރު، މިހާރުވެސް ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބެޗުތައް ދަނީ ތަމްރީނު ހާސިލްކުރަމުންނެވެ. މިހާރު މި ޕްރޮގްރާމުގެ ތަމްރީން ހާސިލް ކުރަމުން ދަނީ ތިން ވަނަ ބެޗުގެ ދަރިވަރުންނެވެ. މި ބެޗުގައި ތަމްރީނު ހާސިލް ކުރުމަށް 352 ދަރިވަރުން ވަނީ ފުރާފާއެވެ.