ކުރިއަރާފައިވާ ގައުމަކަށް ވުމަށް ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކޮރަޕްޝަނުގެ ވާހަކަ ތާއަބަދު ދެކެވޭކަން ފާހަގަކުރައްވައި ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާނެ ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ހަލުވި މަސައްކަތަކާއި ޕްރޮފިޝަނަލިޒަމްއާއެކުގައި، އެޑްމިނިންޓްރޭޓިވް ކޮރަޕްޝަން މި ގައުމުން ނައްތާލެވިއްޖެ ނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ، އަދި އެ ފައިސާއިން ރައްޔިތުން ހިތްހަމަ ޖެހޭ ފަދަ ހިދުމަތެއްދެވޭ އޮފީސްތަކަކަށް ސިވިލް ސާވިސްގެ އޮފީސްތަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ އިދާރާއަކުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރަނގަޅު ކުރެވޭނެ ކަންކަން ބަލަން ޖެހޭ ކަމަށް ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެ ބަދަލުތައް ގެނެވިއްޖެނަމަ ރައްޔިތުންނަށް އިސްކަންދީގެން ހިދުމަތް ދެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރެވޭނެ ކަމަށެވެ.
މިއާއެކު ވަޒީރު ވަނީ ރައްޔިތުންނަށް އިސްކަންދޭ ހިދުމަތެއް ދިނުމުގެ ނިޒާމެއް ބައްޓަން ކުރުމަށް ސިވިލް ސާވިސް މުވައްޒަފުން އަޒުމު ކަނޑައެޅުމަށް ގޮވާލައްވަލައްވާފައެވެ.