އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.

މި ކާމިޔާބީއާ ގުޅިގެން ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދު އަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވަނީީ، ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަހުން ބޭއްވި އެންމެ ބޮޑު އެތެރޭގެ ސިޔާސީ ޙަރަކާތުގައި ބައިވެރިވެ، ޕާޓީގެ ޑިމޮކްރަސީގެ ރޫޙު ނެރުނު އެންމެހާ މެމްބަރުންނަށާއި، އަމާންއޮމާންކޮށް މި އިންތޚާބުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވި އެމްޑީޕީގެ އެންމެހާ ވޮލަންޓިއަރުންނަށް ޝުކުރު ދަންނަވާފައެވެ.

އަދި މި އިންތިޚާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އާއި، އިބްރާހިމް މުހައްމަދު (ވާޑު) ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށްވެސް ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.

ޕޯސްޓު ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ، މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، އެންމެންއެކުގައި މިސަރުކާރު ބަލިކޮށް، ދިވެހި ރައްޔިތުން ބޭނުންވާފަދަ އެމްޑީޕީގެ ވެރިކަމެއް ހޯދައިދިނުމުގެ މަސަތްކަތައް ފަށަންވީ ވަގުތު ކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވާ ކަމުގައެވެ.

އާޒިމް ވިދާޅުވީ، އެންމެން ގުޅިގެން އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، 2028 ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ވަގުތު ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތް ގޮތުން، ސަރުކާރު ޒިންމާދާރު ކުރުމަށް ޓަކައި، ޒިންމާދާރު މުހިއްމު މަސައްކަތްތަކެއް، ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުން ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ، އިންތިޚާބުގައި ވާދަކޮށް ނާކާމީޔާބުވެ ވަޑައިގެންނެވި ނަމަވެސް، މީކާއިލް ނަސީމްގެ ޝަޚުޞިއްޔަތާއި ތޫނު ވިސްނުންފުޅު ފެނިގެންދިޔާއީ، ތަޢުރީފު ޙައްގުވާ ފަދަ ގޮތަކަށްކަން ފާހަގަކުރައްވާފައެވެ. އަދި މީކާއީލަކީ ސިޔާސީ ކުރިމަގެއް އޮތް ހަރުދަނާ ޒުވާނެއްކަން ސާބިތުވެގެން ގޮސްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.