އެމްޑީޕީގެ ޗެއާޕަސަން ކަމަށް އިއްޔެ އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެގެން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރި މީހުންގެ ދިފާއުގައި އެ ތަންތަނުގެ މައި އޮފީސްތައް ހިފާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވައިފި އެވެ.
ނަޝީދަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ރޭ އާޓިފިޝަލް ބީޗަށް އެއްވެފައިވާ އިރު، އެތަނުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ތަނަވަސްކަމާއި މިނިވަންކަމުގެ ހައްގުގައި އެމްޑީޕީގެ އާންމު މެންބަރުން އަބަދު ވެސް ތެދުވާނެ ކަމަށެވެ.
ސަރުކާރުން އެއްވެސް ރައްޔިތަކާ މެދު ބޭއިންސާފުން އަމަލު ނުކުރުމަށް ގޮވާލައްވަމުން ނަޝީދު ވިދާޅުވީ، މިއަދު އެއިން ކަމެއް ރަނގަޅު ނުކޮށްފި ނަމަ ސީދާ ހަރަކާތަށް ނުކުމެ، މާލޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް ހިފާނެ ކަމަށެވެ.
ނަޝީދަށް ލިބިވަޑައިގެންނެވި ކާމިޔާބީއާއާ އެކު، އެމްޑީޕީއަކީ އަލުން އަނބުރާ އާންމު މެންބަރުންގެ ޕާޓީއަކަށް ހަދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމްޑީޕީއަކި ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި ޕާޓީގެ ހުރިހާ މެންބަރުންނާ އެކު މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ނަޝީދާ ވާދަކުރެއްވި މީކާއިލަށް ވެސް އޭނާ ވަނީ ތައުރީފު ކުރައްވައިފަ އެވެ. އެގޮތުން ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށް ވިދާޅުވެ، މީކާއިލަކީ އެ ކަމުގެ ނަމޫނާއެއް ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.
މީގެ އިތުރުން ނަޝީދުގެ ކެމްޕެއިން ހަރަކާތުގައި އެންމެ އަރިހުން މަސައްކަތްކުރެއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ވޯޓު ދިން ހުރިހާ މެންބަރުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.